ބޯހިޔާވަހިކަމަށް ފްލެޓް ބޭނުންވާ ކަމަށް ރ. ރަސްމާދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިފިއެވެ.

އެ ކައުންސިލުން ރައީސްއާ ބައްދަލު ކޮށްފައި ވަނީ، ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ރަސްމާދޫ ތަރައްޤީއަށް އެރަށުގެ ކައުންސިލުން ފާހަގަކުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ރަސްމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރ. އިނގުރައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމަށް ފްލެޓް ބޭނުންވާކަމާއި ކަރަންޓްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ފެން ހިންދާ ނިޒާމު ޤާއިމުކޮށް ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމަށާއި ރަށްގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ފެށުން ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ޓީމުން ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން