ޖަލު ހުކުމެއްގައި މިހާރު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސައްކަތް ކުރައްވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޢެންއެފުން ރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިތުރު ލުއިތައް ނުދޭތީ މި ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން އޭރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އޮކްޓޫބަރު މަހު ރަައީސް ޔާމީން ގެއަށް ބަދަލު ކުރައްވައިފަ އެވެ.

ގޭބަންދުގައި ތިބޭ މީހުންނަށް ސިޔާސީ ކަންކަމުގައި އުޅުން މަނާ ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް އެފަދަ ހަރަކާތްތަަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ނެވެ.

އެކަމަކު ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ އަނގަފުޅުގައި ހުރީ މަލަން އަޅާފައި ކަމަށާއި އަދި ލުއިތައް އެމަނިކުފާނަށް ނުލިބޭ ކަމަށެވެ.

"މިއަށްވުރެ މާ އާދައިގެ ހައްގުތަކެއް ދެވެން އޮއްވާ ނުދީ މަހުރޫމްކޮށްގެން ހިފަހައްޓައިގެން މިއުޅެނީ، ދެން ކީއްކުރަންތޯއޭ؟ އަޅުގަނޑު އުންމީދު ކުރަންވީ، އަޅުގަނޑުގެ އިންތިޒާރުގެ އެއްވެސް ހިސާބަކު ނެތް ރައީސް މުއިއްޒު އަޅުގަނޑު ވީއްލުމަށް އެއްވެސް މަސައްކަތެއް ކުރައްވާކަމަކަށް، ކުރައްވަންޏާ ކީއްވެގެންތޯ މިއަދު ކުރަންވީ؟ ކީއްްވެގެންތޯ މި ދެމަސް ދުވަސް ދިޔަ އިރު ނުކުރެވެންވީ؟ އެހެންވީމާ އެވާހަކަ ހުއްޓާލަމާ!" ރައީސް ޔާމީން ރޭ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން