ނިމިދިޔަ ސަރުކާރުގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގި ހިޔާނާތުގައި ކުރީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ވަނތްކަން ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާރުޑީސީގެ އިސް ތިން ވެރިޔަކާ ގުޅޭ ބޮޑު ހިޔާނާތުގެ މައްސަލައެއް ފަޅާ އަރުވާލީ މިދިޔަ އަހަރު ޖޫން މަހު އެވެ. ނަމަވެސް އެ މައްސަލަަ ހުށަހެޅީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހިޔާނާތުގެ ތަގުގީގާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ހާމަކޮށްފަ އެވެ.

ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒް ވިދާޅުވީ އާރުޑީސީ ކުންފުނީގެ 14 މިލިއަން ރުފިޔާ އެ ކުންފުނީގެ އިސް ތިން ބޭފުޅުންގެ އަމިއްލަ އެކައުންޓްގައި ދައުރުކޮށްފައިވާ ކަމަށެވެ.

އެ ދައުރުކުރި ފައިސާގެ ތެރެއިން އެކެއްގެ އެކައުންޓަށް އެކަނި 11 މިލިއަން ރުފިޔާ ދައުރުކުރި ކަމަށާއި އަދި ދެން ތިބި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އެކައުންޓަށް ވެސް އެއް މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ.

"މި ދެންނެވި އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓްތަކުން އެބަހުރި ފައިސާ ސަރުކާރުގެ އިސް ނޫނިއްޔާމު ސަރުކާރުގައި ބައިވެރިވުން ހުރި އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެ މީހުންގެ އެކައުންޓްތަކަށް ވެސް ފައިސާ އެބަހުރި ވަދެފައި." ނާފިޒް ވިދާޅުވި އެވެ،.

ނަމަވެސް އެ ފައިސާތައް ވަނީ ކުރީ ސަރުކާރުގެ އިސް ކޮން ފަރާތްތަކެއްގެ އެކައުންޓްތަކަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

އާންމުކޮށް އެގޮތަށް ފައިސާ ދައުރުކޮށް އުޅެނީ މަނީ ލޯންޑްރިން ފަދަ ބޮޑެތި ކުށްތައް ކުރުމަށެވެ. އަދި އެ ފައިސާތައް އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާކޮށް ގިނަ ފަހަރު އެ ފައިސާތައް ދައުރު ކުރަނީ އޭގެ އަސްލު އޮޅުވާލުމަށެވެ. ފުލުހުން ބުނީ ހިޔާނާތުގެ އެ ފައިސާ ދައުރުކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން