ފައިސާ ޗާޕުކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރަން އޮތް އޮޕްޝަނެއް ނޫން (ޙައްލެއް ނޫން) ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ، ފައިސާ ޗާޕުނުކޮށް އިތުރަށް ރުފިޔާގެ އަގު ވައްޓައިނުލާ، އިޤްތިޞާދު ވަރުގަދަކުރުމަށް ކަމަށެވެ.

އެގޮތުން "ފައިސާ ޗާޕުކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރަން އޮތް އޮޕްޝަނެއް ނޫން (ޙައްލެއް ނޫން)" ކަމަށާ، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރުމަށް ބޭނުންވާނަމަ ފައިސާ ޗާޕު ނުކުރާނެ ކަމަށް ރަަައީސް މުޢިއްޒު ވިދާޅުވިއެވެ.

އަދި އޭގެ ބަދަލުގައި މި ސަރުކާރުން ކުންފުނިތައް ވަރުގަދަކުރުމަށާއި ކުންފުނިތަކުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު ޤައުމަށް ފައިސާ ވަންނާނެ ދާއިރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔުމާ ގުޅިގެން 26 އެޕްރީލް 2020އިން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން މަޑުޖައްސާލައި އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޗާޕްކުރުމުގެ ހުއްދަ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރަށް މަޖިލީހުން ވަނީ ދީފައެވެެ. އެހެން ނަމަވެސް ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ފައިސާ ޗާޕްކުރުން ވަނީ ހުއްޓާލާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން