މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް، ފޮޓޯ:މަޖިލިސް
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް، ފޮޓޯ:މަޖިލިސް
ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އަދި ޤައުމުގެ މުސްތަޤުބަލަށްޓަކައި އިންޑިޔާއެކޭ އެއްފަދައިން ޗައިނާއާއިވެސް ގުޅުންވަރުގަދަކޮށް ބަދަހި ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ގެންގުޅޭ "އިންޑިއާ ފަސްޓް" ސިޔާސަތާއެކު އިންޑިއާއާއެކު އޮންނަ ގުޅުން ރަނގަޅުކޮށް އިންޑިއާ ރުއްސުމަށްޓަކާ، ޗައިނާއާއި އޮތް ގުޅުން ބަލިކަށިވާ ގޮތަށް ވެރިކަން ހިންގާ މައި ޕާޓީގެ ރައީސް، ފާޅުގައި ޗައިނާއަށް ފާޑުވިދާޅުވެ، އެގައުމާއި މެދު ބޮޑެތި ތުހުމަތުތައް ކުރަމުންދިއުމާއެކު ޗައިނާއާއެކު އޮތް ގުޅުން ހީނަރު ވުމުގެ ނުބައި އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ދިއުމަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ ޗައިނާއާއި ގުޅުން ގާއިމްކޮށް ބަދަހި ކުރުމަކީ ސަރަހައްދީ ހަމަޖެހުމާއި މަސްލަހަތައްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މިސަރަހައްދުގެ ބޮޑު ދެ ޤައުމުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޗައިނާއާއިއެކު ގުޅުން ބަދަހި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި އައްޑޫ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯވިޑްގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި އަވަށްޓެރި އިންޑިޔާއާއިއެކު އޮތް ގުޅުންވެސް އިތުރަށް ބަދަހިކޮށް އިޤްތިޞާދީ އަދި އިޖުތިމާއީ ކަންކަމުގައި އެހީތެރިކަން ހޯދަން ޖެހޭކަމަށެވެ. އަދި ޗައިނާއާއިއެކުވެސް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތަކާއިމެދު މަޝްވަރާކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ގިނަ ކަންކަމުގައިވެސް ޗައިނާގެ ބައިވެރިވުން ބޮޑުއިރު، މިވަގުތު ރާއްޖޭގައި ކުރިއަށްދާ ގިނަ މަޝްރޫޢުތަކަކީ ޗައިނާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކަށްވުމުން މިކަންކަމުގައިވެސް ކުރިއަށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. އިންޑިޔާއެކޭ އެއްފައިން ޗައިނާއަކީވެސް ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޤައުމަކަށްވާއިރު ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ މިހާލަތުގައި ޚާއްސަ އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައިމިވަނީ ރާއްޖެ، އިންޑިއާއާއި އެކުގައި އޮންނަ ގުޅުން މިސަރުކާރުން ވަރުގަދަ ކުރަމުންދާއިރު ޗައިނާއާއެކު އޮތް ގުޅުން ހީނަރުވާ ގޮތަށް ބައެއް އަމަލުތައް ބެހެއްޓުމާއެކު އިންޑިއާ ރުއްސުމަށްޓަކާ ޗައިނާއާއެކު އޮތް ގުޅުމަށް ބުރޫއަރާ ފަދަ ކަންކަން ދައުލަތުގެ އިސްވެރިންގެ ކިބައިން ފެންނަމުންދާކަން ގިނަ ބަޔަކު ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ދައުލަތުގެ އެއްބާރުގެ ވެރިޔާ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޅުގައި ޗައިނާއަށް ފާޑުވިދާޅުވެ ރާއްޖެއަށް ލިބިފައިވާ ޗައިނާގެ އެހީއާއި މަދަދަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ސިފަ ކުރައްވައި ދައްކަވާ ވާހަކަ ތަކުގެ ސަބަބުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާ ރައީސް ނަޝީދާއި ދެމެދު ވަރުގަދަ ބަހުގެ ހަމަލާތައް ހިނގަމުންދިއުމާއެކު ދެގައުމުގެ ގުޅުމަށް ވެސް އެކަމުގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުރަމުންދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ހުޅުވާލާލައި ފަތުރުވެރިކަން ފެށި ނަމަވެސް ކުރީގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ނާންނަ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން