ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. އަދި އެ ކޮމިޝަންގެ ވެބްސައިޓުން އެ ލިސްޓު މިހާރު ބެލޭނެ އެވެ.

އެއާއެކު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ވަނީ ހުޅުވާލައިފަ އެވެ.

"ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ." އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާންގައި ބުނެފައި ވެއެވެ.

މި މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާއިބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ، މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އެއާއެކު އިތުރު 560 މީހަކަށް ވޯޓު ލެވޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން