ރާއްޖޭގެ އެކިކަންކޮޅުތަކުގައި 61 ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާގެ ކުންފުންޏަކަށް 50 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އެ ފައިސާއަށް ވީނުވީއެއް ނޭނގޭކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ހާމަކުރަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އޭރުގެ ސަރުކާރާއެކު އެއްބަސްވުމެއް ހަދައިގެން 61 ރަށެއްގައި ޕޮލިސް އިމާރާތް އަޅަން 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާއަކާކަން ފެންނަން އެބަހުރިކަމަށާއި އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށްކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި އެގްޒިމް ބޭންކުން ދޭނެކަމަށް ބުނި ލޯނު ހަމަޖައްސައި ނުދެނީސް އަދި އެ ލޯނު ހަމަޖައްސައިދެވެން ނެތްކަމަށް އެ ބޭންކުން ބުނެފައިވަނިކޮށް، ސަރުކާރުން އެ ކުންފުންޏަށް އެޑްވާންސް ފައިސާ މާ ކުރިން ޖަމާކޮށްފައިވާކަން ހޯމް މިނިސްޓްރީގެ ލިޔެކިޔުންތަކުން ފެންނަން އެބަހުރިކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ފައިސާ ދޫކޮށްފައިވާ ކުންފުންޏަކީ ކޮންތާކު ހުރި ކުންފުންޏެއްކަމެއް އަދި އެ ކުންފުންޏާ މުއާމަލާތު ކުރުމަށް ވާހަކަ ދައްކަންޖެހޭ މީހެއް ވެސް އެނގެން ނެތްކަމަށެވެ. އަދި އެ ޕޮލިސް ސްޓޭޝަންތައް އަޅަން ދެން ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިކަން ވެސް އެނގެން ނެތްކަމަށް އިހުސާންވަނީ ވިދާޅުވެފައެވެ.

އަދި އޭގެ ފަހުން ސަރުކާރުން އެ ކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަމަށާއި ދޫކުރި ފައިސާއަށް ވީގޮތް ވެސް ސާފު ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

އިހުސާން ވިދާޅުވީ މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި އެ 61 ޕޮލިސް ސްޓޭޝަން އެޅުމަށް ހިލޭ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް އިންޑިއާ ސަރުކާރުން 13 އޮގަސްޓް 2023 ގައި ރާއްޖެއަށް އަންގާފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީންވެސް އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން