ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލުމުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ދަށައް ދާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިސާ ޗާޕްކުރުން ހުއްޓާނުލިނަމަ ރާއްޖެ ބަނގުރޫޓް ވެގެން ހިގައިދާނެ ކަމަށެވެ.

އެގޮތުން ފައިސާ ޗާޕްކުރުން ހުއްޓާނުލައި ކުރިއަށް ގެންދިޔަނަމަ ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު އިންތިހާ އަށް އަރައިގެން ގޮސް އިގްތިސާދު ހަލާކުވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލުމުން އެކަމުގެ ހެއު އަސަރު މިހާރު ފެންނަމުންދާ ކަމަށާއި އެގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި ޑޮލަރުގެ އަގު މިހާރު ދަށައް ދާން ފަށާފައިވާ ކަމަށެވެ.



މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އިގުތިސާދު ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަން ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމަކީ އިގްތިސާދު ފުޅާކުރުމަށް ކުރަންޖެހޭ މުހިންމު ކަމެއްް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަދަން ފަށާފައި ނުނިމި ހުރި ރިސޯޓްތައް ހެދުމަށް އެކި ކަހަލަ ފުރުސަތުތައް އިންވެސްޓަރުންނަށް ސަރުކާރުން ފަހިކޮށްދެމުން ގެންދާ ކަމަށާއި އެއީ ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސާދުގައި ބުންވަރު ޖެހެމުންދާ ވަރަކަށް ޓޫރިޒަމް ދާއިރާއަށް އިންވެސްޓް ކުރާނެ މީހުން ވާނެ ކަމަށެވެ. އެހެންކަމުން އިންވެސްޓަރުންނަށް އިތުބާރާއި ޔަގީން ކަން ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން