ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އަސްކަރީ ހިލޭ އެހީގެ ދަށުން، ދިވެހި ސިފައިންނަށް ބޭނުންވާ އިތުރު ތަމްރީނާއި، ނޮން-ލީތަލް ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު މީދޫގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. އެ އެެއްބަސްވުމުގެ ދަށުން ޗައިނާއިން އިތުރު ތަމްރީނާއި، ނޮން-ލީތަލް ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ޗައިނާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ބޭނުމަކީ ދިވެހިރާއްޖޭން އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއި އިސްތިގްލާލު ވަރުގަދަ ކުރުމެވެ. އެ އެއްބަސްވުމުގެ ދަށުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އިތުރު ތަމްރީނާއި ޓެކްނިކަލް ކެޕޭސިޓީ ވެސް އިތުރުވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ނޮން-ލީތަލް ހަތިޔާރުގެ ތެރޭގައި ހިމެނެނީ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ފަދަ ހަތިޔާރެވެ.

ޗައިނާ އިން ރާއްްޖެއަށް އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ މޭޖާ ޖެނެރަލް، އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ، ޖަންގް ބައޮކުއާން ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ބައްދަލު ކުރެއްވުމަށްފަހުއެވެ. މި ބައްދަލުވުމަށްފަހު ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ޗައިނާއިން ރާއްޖެއަށް މިލިޓަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުނެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުން ގާއިމްކޮށް، ބަދަހިކުރުމަށް ރައީސް މުއިއްޒު ޗައިނާގެ އޮފިސް ފޯ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނާއެކު މަޝްވަރާ ކުރައްވާފައިވާއިރު ރާއްޖެއަށް ވަޑައިގެން މިހާރު އުޅުއްވާ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް ޒާންގް ބާއޯގުން މިއަދުވަނީ ރައީސް މުޢިއްޒު އާއި ބައްދަލު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން