ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ތާއިދު ކުރަށްވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫގެ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެމަނިކުފާނު ތާއިދު ކުރަށްވާނެ ކަމެއް ވެސް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްތައް މެދުވެރިކޮށް މަސައްކަތްތައް ކުރަން ކަމަށެވެ. އަދި ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބޭނީ ވެސް ކައުންސިލްތަކަށް ބާރުވެރިކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ދަތިކުރުންފަދަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ކައުންސިލްތަކަށް ކުރިމަތި ނުކުރާނެ ކަމަށެވެ. އަދި ކައުންސިލްތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރިހަމަ ހައިސިއްޔަތު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

"ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެންވީމަ އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައި މި ވަނީ ދާދިފަހުން، އެމަނިކުފާނު ނ. ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ކަން ހިނގި ގޮތް ކުށްވެރިކޮށް އެރަށު ކައުންސިލުން ނެރުނު ބަޔާނެއް ބާތިލް ކުރުމަށް އެލްޖީއޭއިން އަންގާފައިވާ ދަނޑިވަޅެއްގައެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަސްމީ ދަތުރުފުޅެއްގައި ރައީސް ވަޑައިގެން، ކެންޕޭނު ހަރަކާތް ހިންގަވާފައިވާ ކަމަށާއި، އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އެލްޖީއޭއިން އޭގެ އަނެއް ދުވަހު ވަނީ އެ ބަޔާން ބާތިލުކުރުމަށް އެ ކައުންސިލަށް އަންގާފައެވެ. އެލްޖީއޭއިން ބުނީ ރައީސްގެ ގާނޫނީ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، ރައީސްގެ "ކަރާމަތަށް އުނިކަން އަންނަ ގޮތަށް" ދޮގު އިލްޒާމު އެޅުވުން ކުށްވެރިކުރާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެލްޖީއޭގެ ބަޔާނާ ގުޅިގެން، ކެނދިކުޅުދޫ ކައުންސިލްގެ ޖަލްސާގައި މަޝްވަރާކުރުމަށް ފަހު، އެ ކައުންސިލުން ވަނީ ކައުންސިލްގެ ބަޔާން ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން