ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއާއި ޖައްސާލައިގެން ނޫޅުއްވާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް މީދޫ ދާއިރާއަށް ވާދަކުރައްވާ ސިޔާމް، އޭނާގެ ކެމްޕޭން ހަަރަކާތެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ގައުމެއް ކައިރިކޮށް ނުވަތަ ވަކި ގައުމެއް ދުރުކޮށްގެން ގައުމު ހިންގެވުމުގެ ސިޔާސަތެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި އެމަނިކުފާނު ވަކި ގައުމެއް ނުބައްލަވާ ހުރިހާ ގައުމަކާ ވެސް ގުޅުން ގާއިމުކުރައްވަމުންދާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއާއާ ޖައްސާލައިގެން އުޅުއްވާ ކަމަށް އަޑުތައް ފެތުރި ނަމަވެސް ރައީސް އެފަދައިން އިންޑިއާއާ ޖައްސާލައިގެން ނޫޅުއްވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އެފަދައިން ވިދާޅުވި އިރު އިންޑިއާއާއި އެ ގައުމުގެ ބޮޑޫވަޒީރު ނަރެެންދުރަ މޯދީއަށް ރާއްޖޭގެ ތިން މިނިސްޓްރީއެއްގެ ނައިބުން ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖެއާ އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ މައްސަލައިގައި އެ ތިން މިނިސްޓްރީގެ ނައިބުން އަދިވެސް ތިއްބެވީ ސަސްޕެންޝަން ގައެވެ.

އިންޑިއާއާ ގުޅުން ގޯސްވި އިރު އިންޑިއާ ގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކަޓް ކުރުމަށް ވަރުގަދަ ކެމްޕޭނެއް ވެސް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން