ރައީސް ނާލާފުށީ ކައުންސިލާ ބައްދަލު ކުރެއްވުން
ރައީސް ނާލާފުށީ ކައުންސިލާ ބައްދަލު ކުރެއްވުން
ކައުންސިލް އިދާރާތަކުގެ އާއިމާރާތްތައް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވީ، މުލަކަތޮޅު ނާލާފުށީގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާއެކު މިއަދު ހެނދުނު ނާލާފުށީ ފެނަކަ އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށާއި މުޅި ގުޅައިދޭ ކޯޒްވޭގެ މަސައްކަތާއި، ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު އާ ބަނދަރެއް އަވަހަށް ހަދައިދިނުމަށާއި، ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތީ، އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ކުނި ކޮށްޓެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވިދާޅުވެދެއްވިއެވެ. ހަމަ އެއާއެކު، ކުޅިވަރުގެ ދާއިރާ އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މ. ނާލާފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ މަސައްކަތް ކުރާނެ މާހައުލެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުންވެސް 5000 ރުފިޔާއަށް ވުރެ މަދުނުވާވަރުގެ އެލަވެންސެއް ހަމަޖައްސަވާދެއްވުމަށް އ.ތ.މ ކޮމިޓީން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާގެ އާއިމާރާތްތައް އެޅުމަށް މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން