ރިޔާސީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރު ޒިޔާރަތް ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިއަދު ރ. މީދޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަސް ފެށެން ކުޑަތަންވަމުންދާއިރު ގިނަ ރަށްތަކަށް މިހާރު ވަޑައިގެންނެވިއްޖެ ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްތަކަށް ވަޑައިގަންނަވާކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

އެގޮތުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކާއެކު ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގެންނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއާއެކި ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުވެގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަދި އޭގެ ފަހުން މަސައްކަތްތައް ފަށައިގަނެ، އާ މަސައްކަތްތައް ވެސް ކުރިއަށް ދާ ގޮތް ބެއްލެވުމަށްޓަކައި އަދި އެއް އަހަރު ފަހުން 2026 ގައި ދެވަނަ ބުރެއްގައި ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ހުރިހާ ރައްޔިތުންނާ އިރާދަ ކުރެއްވިއްޔާ ބައްދަލުކުރާނަން. އެއީ އަޅުގަނޑު މަސައްކަތް ކުރަން ނިންމާފަ އޮތް ގޮތަކީ." ރައީސް ވިދާޅުވި އެވެ.

އަދި ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގައި އިތުރަށް ވެސް ބައެއް ރަށްރަށަށް ވަޑައިގެންނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން