މުލިއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އަގު ބޮޑު ކަރޯކޭ ސިސްޓަމެއް މުލިއާގޭގައި ބަހައްޓާފައިވާ ކަމަށް ބުނެ ފޮޓޯއެއް ވެސް ދަނީ ދައުރުވަމުން ނެވެ.

ނަމަވެސް އެއީ ވިއެޓްނާމްގެ ފޮޓޯއެއްކަން މިހާރު ވަނީ ޔަގީން ވެސް ކުރެވިފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ، އަދި ކަރޯކޭ ކުރުމަކީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ރައީސްގެ އާއިލާއިން ވެސް ގޭތެރޭގައި ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

"މިފަދަ ދޮގުވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުންނެވެ. އަދި ފޭކްފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ." ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން