މ. ނާލާފުއްޓާއި މ. މުލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އަވަހަށް ނިންމައިދޭން ނާލާފުށީގެ ކައުންސިލުން އެދެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނާލާފުއްޓަށް ވަޑައިގެން އެ ރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރުމުގައި ކައުންސިލަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ކޯޒްވޭގެ މަސައްކަތާއި ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށާއި، އާ ބަނދަރެއް އަވަހަށް ހަދައިދިނުމަށާއި، ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުރިކަން ފާހަގަކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް އެދުނެއެވެ.

އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ކުނި ކޮށްޓެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ފާހަގަކުރި އެވެ. ހަމަ އެއާއެކު، ކުޅިވަރުގެ ދާއިރާ އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން ހިއްސާ ކުރިއެވެ.

ރައީސް މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އޭގެ އިތުރުން އެމަނިކުފާނު ވަނީ އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން