މުއްސަނދިކަން ހޯދުމުގެ ފުރުސަތު މިހާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުއްސަނދިކަން ހޯދުމުގެ ފުރުސަތު މިހާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ސަރުކާރުގެ އެއްބާރުލުން އެކަމަށް ފުރިހަމައަށް ލިބޭނެ ކަމަށެެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެ ގޮތްތައް ފަހިކޮށްދިނުންކަމަށެވެ. އެގޮތުން އިޤުތިޞާދީ މަންފާ ލިބޭގޮތަށް ކައުންސިލުގެ އިޚްތިޞާސްގައި އޮންނަ ރަށެއް ނުވަތަ އިޚްތިޞާސްގައި ނުހިމެނޭ ރަށެއް ވިޔަސް ކައުންސިލަށް ލިބުމަށް މަގުފަހިވާގޮތަށް ނިންމެވި ނިންމެވުމަކީވެސް އެބޭނުމުގައި ނިންމެވި ނިންމެވުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އޭރުން އެ ލިބޭ ރަށުގެ ބޭނުން ހިފައިގެން އެ ރަށެއްގެ ރައްޔިތުން އެ ކައުންސިލާ ބައިވެރިވެގެން ވިޔަފާރިތައް ބައިވެރިވެގެން މި ދެންނެވި ފަޅު ރަށުގައި އެކި ކަހަލަ އިންވެސްޓްމަންޓްތައް ހަދައިގެން މުއްސަނދިކަން ހޯދޭނީ. އެ ފުރުސަތު މިހާރު ވާނީ ހުޅުވާލާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުވާލާފައިވާ ރަށްތަކުގެ ލިސްޓުގައި އިތުރު ރަށްތައް ހިމަނުއްވަމުން ގެންދަވާނެކަމަށެވެ. އަދި އެގޮތަށް ރަށްރަށް ދޫކުރުމަށް މިހާރު ގެޒެޓްކޮށްފައިވާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށްވެސް މިހާރު ނިންމަވާފައިވާކަމަަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ބަދަލާއެކު އެފަދަ ރަށްރަށުގައި އެކިދާއިރާތަކުން ވިޔަފާރިތައް ހިންގުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަން ބޭނުން ވަނީ ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދީގެން ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުން ވަނީ ރައްޔިތުން ކައުންސިލްތަކާ ގުޅިގެން ފަޅު ރަށްރަށުގައި އާމްދަނީ އިތުރު ކުރެވޭނެ ވަސީލަތްތައް ގާއިމު ކުރަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ ރަށެއްގައި ބަނދަރެއް ނުވަތަ ރަށެއް ހެދިޔަސް، ރައްޔިތުންނަށް ލިބޭ މުއްސަނދިކަމެއް ނެތް ކަމަށެެވެ. އަދި އެއީ ޖަމާއަތަކަށް ނޫނީ ރަށަކަށް ލިބޭ ކުރިއެރުމެއް ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ހުރީ ރައްޔިތުންނަށް މުއްސަނދިކަން ހޯދައި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން