ފަލަސްތީނުގެ މުސްލިމުން މަރަމުންދާ އިސްރާއީލަށް ހަތިޔާރުވިއްކުން މަނާކުރުމަށް ދިވެހިރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ އާންމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ވީޓޯ ކުރުމާއި ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފަރާތުން ޝާޒޭ ދެ ފެއާ އެމްބެސެޑަރ ޑރ. ޢަލީ ނަސީރު މުޙައްމަދު މިއަދު ވިދާޅުވީ، 29 ފެބްރުއަރީގައި ހިނގާ ދިޔަ ހާދިސާގައި އިސްރާއީލުން ފަލަސްތީނުގެ ސަތޭކައަށް ވުރެ ގިނަ ރައްޔިތުން މަރާލައި، އެތައް ބަޔަކު ޒަޚަމް ކޮށްފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތި އަދި އަސާސީ ބޭނުންތަކުން މަޙްރޫމް ކުރުމަށް ފަހު އިޒްރާއީލުން އެ މީހުން މަރަމުން ގެންދިއުމަށް ހުއްޓުމެއް ނުގެނެވުމަކީ މުޅި ދުނިޔެ އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.

އަދި ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ހުށަހެޅި ގަރާރު ވީޓޯ ކުރުމުގެ ސަބަބުން އިސްރާއީލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް އެ މީހުންނަށް ލިބިފައިވާ ކަމަށްވެސް ޢަލީ ނަސީރު ވިދާޅުވިއެވެ.

އޭގެ އިތުރުން އިސްރާއީލްގެ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައިވާއިރު އެ މައްސަލަތަކުގައި އިސްރާއީލް ޖަވާބުދާރީ ކުރުމަށް ވެސް ރާއްޖޭންވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައެވެ.

އިސްރާއީލުން މިހާރުވަނީ ފަލަސްތީނުގެ 30،000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލާފައެވެ. އެ މައްސަލަ އދ. ގެ މަޖިލީސްތަކުގައި ބަހުސްކޮށް އެކިގޮތްގޮތުން އެކަން ހުއްޓާލުމަށް އެންގި ނަމަވެސް އިސްރާއީލުން މިހާތަނަށް އެކަމަށް ދީފައިވަނީ ބީރުކަންފަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން