ސީލައިފް ގުލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފްލެޓު ގަތް މީހުންގެ ތެރެއިން ލަނޑު ލިބުނު މީހުންގެ ތެރެއިން 203 މީހަކަަށް ހިޔާ މަޝްރޫއުން ފުލެޓް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.

ސީލައިފުން ފްލެޓު އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓު ގަތުމަށް 280 އަށްވުރެ ގިނަ މީހުން، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކައިފައެވެ.

ގިނަ އަދަދެއްގެ ފަރާތްތަކުން ސީލައިފުން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލައިފައެވެ. އެއާއެކު ފްލެޓު ގަތް 203 ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް ވަނީ މައްސަލަ ހުށައަޅާފައެވެ.

ރައީސް އަތޮޅު ތެރެއަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން ވ.ފެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ސީލައިފްގެ މައްސަލައިގައި ރައީސްގެ ލަފަޔާއި އިރުޝާދާއެކު ސީލައިފުން ލަނޑު ދިން 203 މީހުންނަށް ހައްލު ހޯދައިދިނުމަށް އެކޯޕަރޭޝަންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގައި ބާކީވީ 60 ޔުނިޓް ހުރި ކަމަށެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ދުވަސްތަކުގައި އެފުލެޓްތައް ސީލައިފުން ލަނޑު ލިބުނު މީހުންނަށް ނުދިނީ ކީއްވެތޯ ފަޒްލު ވަނީ ސުވާލު ކުރައްވާފައެވެ.

"ރައީސްގެ އިރުޝާދާ އެކު ހިޔާ ފުލެޓުން ޖާގަ އަޅުގަނޑުމެންނަށް އެ ފަރާތްތަކަށް ދީފީމު، އެމީހުންނަށް ގެދޮރުވެރިކަން ފަހިކޮށްދީފީމު، ރައީސްގެ ހާއްސަ އިރުޝާދާއެކު މި ދެންނެވި 203 މީހުންނަށް މި ހައްލު ހޯދުމަށް ނިންމާފައިވާ ކަން އަދި އޭގެ ބައެއް މީހުންނާއި ހަމަޔަށް މިއަދު އިރާދަކުރެއްވިއްޔާ އެލިޔެކިޔުންތައް ރޯދަ ހަދިޔާގެ ގޮތުގައި ގޮސްފައިވާ ކަން މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވޭ،" ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ ސީލައިފު މަޝްރޫއު ހުއްޓުމުން 375 މީހުންނަަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައި ހުރި ކަމަށެެވެ. އެއީ ފުލެޓް ހައްގުވާ ފަރާތްތަކަށް ރިފަންޑް ކުރުމަށް ދޫކުރި ފައިސާ ކަމަށް ފަޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން