މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަސްވެރިންގެ ދަފްތަރުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފިޝަރީޒް މިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ ރައީސްގެ ވައުދުފުޅެއް ކަަމަށެވެ.

މިއަދާ ހަމައަށްވެސް މަސްވެރިން އެ ކުރާ މަސައްކަތަކީ ދައުލަތުގެ މުއައްސަސާތައް ދަންނަ މަސައްކަތަކަށް ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން ބޭންކުތަކުގެ ފެސިލިޓީތައް ލިބުމުގައި މަސްވެރިންނަށް ހުރި ދަތިތައް ހައްލުވެ ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބޭ ލުއިފަސޭހަތައް މަސްވެރިންނަށް ނުލިބޭ މައްސަލައަށް ހައްލު ލިބިގެން ދާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު ފާހަގަ ކުރައްވައެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ މަސައްކަތް ހަމައެކަނި މަސްވެރިންނަށް ދޫކޮށް ނުލާ، ކައުންސިލްތަކާ ގުޅިގެން އެ މަސައްކަތް ކޮށް ނިންމާލުމަށް މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ޖޫން/ޖުލައި ހިސާބުގަ މަސްވެރިންގެ ދަފްތަރު އެއްކޮށް ފުރިހަމަ ކުރެވޭނެ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ ދަފްތަރު އިފްތިތާހު ކޮށްފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ހަފްލާއެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން