ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް ރާއްޖޭގެ މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ސަބަބު އެކަމާ ގުޅޭ އެހެން ވުޒާރާތަކުން އޮޅުންފިލުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ދެނެގަނެވިފައިވޭތޯ ސުވާލުކޮށްފަ އެވެ.

ދޯނިތަކަށް އެރި ސަބަބު ނޭނގޭ ކަމަށް މީގެ ދެ ހަފްތާ ކުރިން ވެސް މިނިސްޓަރު ވިދާޅުވި އިރު މިއަދު ވެސް އެކަމާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބައެއް ދޯނިތަކަށް އެހީތެރިކަންވެސް ބޭނުންވާ ކަމަށް ގަބޫލު ކުރެވިގެން މިނިސްޓްރީން ސައިކޮލޮޖިކަލް ސަޕޯޓްވެސް އިސްވެ ފޯރުކޮށްދިން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު ޑިފެންސް މިނިސްޓްރީންވެސް ދިޔައީ މީޑިއާއަށް ހިއްސާ ކުރަމުން ކަމަށެވެ. ހަމަ އެހެންމެ އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީންވެސް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި އެކަމުގެ ސަބަބާއި އެއީ ކިއްވެގެން ހިނގައި ދިޔަކަމެއްކަން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ވުރެ ބޮޑަށް މިކަމާ ގުޅުން ހުރި ވުޒާރާތަކުން އެކަންތައް އެ ބޭފުޅުން ވާނީ އޮޅުންފިލުވާފަހެން." މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޝިޔާމް ނުދެއްވަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ ތިން މަސް ދޯންޏަކަަށް އެރީ ޖެނުއަރީ 31 އަދި ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން