ރާއްޖޭގެ ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބަހަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފަހު އިއުލާންކުރައްވާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ރޯދައިގެ ކުރިން 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް، ސަރުކާރުން ދެއްވާނެ ކަމަށެވެ.

އެކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރަށްވަމުން މިނިސްޓަރ އާދަމް ޝަރީފް މިއަދު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ދޫކުރާ ކާޑުގެ ބާވަތްތައް ކޮންމެ ރަށެއްގެވެސް ކައުންސިލުތަކުން އަންނަ ހޮނިހިރު ދުވަހު ބަހަން ފަށާނެ ކަމަށެވެ. އަދި ރަޖިސްޓްރީ ކުރުމަކާއި ނުލައި ކާޑު ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭނުންވާ ބޭފުޅަކު ކައުންސިލަށް ދިޔާމަ ލިބޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށް ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް އެދުވަހު ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އެގޮތުން ހަނޑުލާއި ހަކުރާއި ފުށް ހޯދުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެގައުމުން ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން