ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރަން ދެ ގާނޫނަކަށް އިސްލާހު ގެންނަން ގަސްދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވ. ކެޔޮދޫއަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭގޮތަށް ކަންތައްތައް ބައްޓަން ކުރަން ގަސްދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގުފަހިކޮށްދިނުމަށް، ކޮންމެ ރަށަކަށް، އެ ރަށެއްގެ ކައިރިންވިޔަސް، ދުރުންވިޔަސް، ހުސްކޮށް އޮތް ފަޅުރަށެއް ހޯދުމުގެ ފުރުޞަތު މިހާރު ވެސް ހުޅުވާލައިފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ރަށްރަށުގައި އެކިކަހަލަ ވިޔަފާރިތައް ހިންގައިގެން، ރަށަށް ބޭނުންވާ އާމްދަނީ، ރަށުގެ ރައްޔިތުންނަށް ބޭނުންވާ އާމްދަނީ އިތުރުކުރުމަށްޓަކައި ކައުންސިލްގެ އާމްދަނީ ބަޖެޓަށް، އާމްދަނީ އެކައުންޓަށް ފައިސާ އިތުރުކުރުމަށް ފުރުސަތު ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭނުންވަނީ ކައުންސިލްތައް ބާރުވެރިކުރުވަން ކަމަށެވެ. އަދި ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމުން ސީދާ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ކުރިއެރުން ހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިނިސްޓްރީތަކަށް ކުރަން ޖެހޭ ހަރަދުވެސް އޭރުން ކުޑަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ހަގީގީ މާނައިގައި ލާމަރުކަޒީކޮށް، ރައްޔިތުންނަށް މި ލިބޭ އާމްދަނީއަކުން ފައިދާވާގޮތް ހަދަން އިތުރު ކަންކަން ކުރަން ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެގޮތުން، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީ.ޖީ.އެސް.ޓީ.އިން ވަކި އިންސައްތައެއް، ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށް، ލާމަރުކަޒީ ގާނޫނަށް، ޓޫރިޒަމް ގާނޫނަށް އިސްލާޙު ގެނައުމަށް ހުށަހަޅަން އަޅުގަނޑު ގަސްދުކުރަން. އޭގެ ސަބަބުން ކައުންސިލްތަކުގެ އާމްދަނީއަށް އަނެއްކާވެސް އިތުރު ފައިސާ ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން