ބަންދުގައި ހުއްޓާ މަރުވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާ ބަންދުކުރީ ރާއްޖެއިން ފުރައިގެން ދިއުމަށް ތަކްރާރުކޮށް އިންކާރުކޮށް އެއްބާލުން ދީފައިނުވާތީ މުޖުތަމައުގައި ދޫކޮށްލާފައި ބެހެއްޓުމުން ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ބަލާފައިކަމަށް ކަމާއިބެހޭ އިދާރާތަކުން ވިދާޅުވެއްޖެއެވެ.

ޔާސިރު ޔަޙްޔާ ޞާލިޙްމުތީޢު އާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަރެކްޝަނަލްސަރވިސް އަދި މޯލްޑިވްސްޕޮލިސް ސަރވިސް ގުޅިގެން ރޭ ދަންވަރުވަނީ ނޫސްބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ވަނީ ފުލުހުންނަށް ލިބިފައިވާ އިތުބާރު ހުރި އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އޭނާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤަބޫލުކުރެވޭތީ، 02 މާރިޗު 2017 ގައި ޔާސިރު ޔަހްޔާ ޞާލިޙު މުތީއަށް ދިވެހިރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރުމުގެ ކުރިން 01 ފެބުރުވަރީ 2017 ވަނަ ދުވަހު އޭނާ މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުކޮށް 01 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާކަމަށެވެ.

އެ އެންގުމާ އެއްގޮތަށް އޭނާ ޢަމަލުކޮށްފައި ނުވާތީ އޭގެ ފަހުންވެސް 03 ފަހަރެއްގެ މަތިން ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށްބަޔާނުގައި ވަނީ ބުނެފައެވެ. ތަކުރާރުކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށް ދެވުނު މުއްދަތުގެ ތެރޭގައި ފުރައިގެން ގޮސްފައިނުވާތީ، 02 މާރިޗު 2017 ގައި ދިވެހިރާއްޖޭގައި ދިރިއުޅުމަށް ޔާސިރު ޔަހްޔާ ސޯލިޙުއަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، އޭނާ ފަރުވާލެވެންދެން އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާކަމަށް މި ބަޔާނުގައިވެއެވެ.

ޔާސިރު ޔަހުޔާ ޓޫރިސްޓް ވިސާގައި ރާއްޖެއަށް އެތެރެވެފައިވަނީ 2014 ވަނަ އަހަރުގައިކަމަށް މިބަޔާނުގައިވެއެވެ. އޭނާ ހަމަ އެ އަހަރު ދިވެއްސަކާއި ކައިވެނިކޮށްފައިވާކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. ޓެރަރިޒަމާ ގުޅުން ހުރި ކަމަށްތުހުމަތު ކުރެވޭތީ އެ މުއްދަތުގައި އޭނާގެ ހަރަކާތްތައް ބަލައި ފުލުހުންނަށް ލިބިފައިވާ އިންޓަރލިޖެންސް މައުލޫމާތުން އެގޭގޮތުގައި އޭނާއަކީ އަލްގައިދާ ޖަމާއަތާއި ގުޅުން އޮންނަ އެޖަމާއަތުގެ އިސްދައުރެއް އަދާކުރާ އެޖަމާއަތުން ހިންގާ މަތީފެންވަރުގެ ޓެރަރިސްޓް ތަމްރީނު ފުރިހަމަކޮށްފައިވާ މީހެއްކަމަށްވެސް މިބަޔާނުގައިވެއެވެ.

"ދުނިޔޭގެ އެކި ކަންކޮޅުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ތަހްގީގަށް ގެނެވެފައިވާ ދިވެހިންނާއި ގާތްގުޅުމެއް ބާއްވާފައިވާ މީހެކެވެ. ޔާސިރު ޔަހުޔާ އަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޓެރެރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ބަންދުކުރެވިފައިވާ މީހެކެވެ. އަދި އެކި ޤައުމަތަކެ ސައްހަނޫން ޓްރެވަލް ޑޮކިއުމަންޓުގައި އެއްޤައުމުން އަނެއްޤައުމަށް ދަތުރުކޮށްފައިވާ މީހެކެވެ." މިބަޔާނުގައިވެއެވެ.

ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބޭތިއްބޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވަނިކޮށް، ކެއުން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ޞިއްޙީ ޙާލަތު ދަށްވެގެން، ކުރިންވެސް ހޮސްޕިޓަލުގައިއެޑްމިޓުކޮށް ފަރުވާދެވިފައިވާމީހެކެވެ. ހަމައެއާއެކު، ޔާސިރު ޔަޙްޔާ މުތީޢު އާއި ގުޅޭ ތަފްޞީލީ މަޢުލޫމާތު އެކި ފަހަރުމަތިންހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހެޅިފައިވާ މީހެއްކަމަށްވެސް މިބަޔާނުގައިވެއެވެ.

"މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސްގެ ބެލުމުގެ ދަށުގައި ޔާސިރު ޔަހުޔާ ބަންދުކުރެވިފައި ހުރި މުއްދަތު އި އޭނާ އާމެދު އަމަލުކޮށްފައިވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު އޭނާގެ އިންސާނީ ހައްޤަށް އާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާ ގުޅުންބެއްވުމަށާއި ކެއިންބުއިމާއި ހުރުމުގައިވެސް ޚާއްސަ އުސޫލެއްގެ ދަށުން ލުއިގޮތަކަށެވެ. އަދި އެ މުއްދަތުގައި އޭނާ އާގުޅޭ މައުލޫމާތު ޔަމަނުގެ ސަރުކާރަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ފޯރުކޮށްދީފައިވާނެއެވެ." މިބަޔާނުގައިވެއެވެ.

ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް، ޔަމަނު ސަރުކާރުން ހޯދުމަށް އެކިފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި ޔާސިރު ޔަހްޔާ ޞާލިޙު މުތީޢުގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ، "އިންވޮލަންޓަރިލީ" ޔާސިރު ޔަހްޔާ ޞާލިޙު މުތީޢު ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދިފައި ވާކަމަށްވެސް މިޔަބާނުގައިވެއެވެ.

ޔާސިރު ޔަޙްޔާ ޞާލިޙް މުތީޢު ރާއްޖެއިން ފުރުވާލުމަށް އެކިފަހަރު މަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައިނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ދީފައިނުވުމުގެ ސަބަބުންކަމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން