ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުން ފެނިވަޑައިގެންނެވީ އެ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭތަންކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކެމްޕޭންގައި އައްޑޫ ސިޓީގެ އެކި ރަށްތަކަށް ވަޑައިގެން އެމްޑީޕީ މެންބަރުންނަށް ކެމްޕޭން ކޮށްދެއްވުމަށްފަހު މިއަދު ޝާހިދުވަނީ އެނބުރި މާލެ ވަޑައިގެންފައެވެ. މާލެ ވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މި ދެދުވަހު އައްޑޫ ސިޓީގައި ހޭދަކުރެވުނު ވަގުތުތަކުގައި ފެނިވަޑައިގެންނެވި މަންޒަރާއި އިވިވަޑައިގެންނެވި އަޑުތަކަށް ބަލާއިރު ފެނިވަޑައިގަންނަވަނީ ބޮޑުތަނުން އައްޑޫއިން އެމްޑީޕީން މެޖޯރިޓީ ނަގާތަންކަމަށެވެ.

އަދި މިސްރާބު ހަމަ މަގުން ކައްސާލާފައިވާކަމަށް ރައްޔިތުން ދަނީ ބުނަމުން ކަމަށާއި ރާއްޖެ އަނދިރި ފުން އަނދަވަޅަކަށް ވެއްޓޭތަން ބަލަން އައްޑޫ ރައްޔިތުން ނުތިބޭނެކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ މިސްރާބު ހަމަމަގަށް ގެންދިޔުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީގެ ރައީސް ޝާހިދު އައްޑޫގައި އުޅުއްވިއިރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް މިހަފްތާތެރޭ އުޅުއްވީ އަތޮޅުގެ އެކި ރަށްރަށުގައި ކެމްޕޭންކޮށްދިނުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން