ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އުޅެނީ 200 އިން މަތީގައި ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ،

ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ، ޕީއެންއެފުން ރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުން ދެއްކި ވާހަކަތަކާއި މި ސަރުކާރުން ދައްކާ ވާހަކަތައް ވަރަށް އެއްގޮތް ކަމަށެވެ.

އެގޮތުން އިންޑިއާ ސިފައިން ތިބި އަދަދު ކަމަށް ބުނެ ކުރީ ސަރުކާރުން ބުނި އަދަދާ މި ސަރުކާރުން ބުނި އަދަދާ ތަފާތެއް ނެތްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ،

"އެމްޑީޕީ ސަރުކާރުން އެތައް ވަރަަކަށް ވާހަކަ ދައްކާފަ މި ބުނަނީ 87 އިންޑިއާ ސިފައިންނޭ ތިބީ. މި ސަރުކާރުން ބުނަނީ ހަމަ 87 ސިފައިންނޭ ތިބީ. ޕޮލިސް އެކެޑަމީ ހަދާ ފޭދޫގައި އެކަނި އެބަ އުޅޭ އިންޑިއާ ސިފައިންގެ 200 މީހުން. އެކި ނަންނަމުގައި އުޅޭ މީހުން." ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ހާމަކުރަން އެމީހުން ބޭނުންނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ހަމަ އެހެންމެ ހދ، ހަނިމާދޫގައި ޖެޓު ޖައްސާ ވަރުގެ ރަންވޭއެއް ހަދަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެތާ އެބަތިބި އިންޑިއާ ސިފައިން. ހައްދުން މަތީގައި އެބަތިބި އިންޑިއާ ސިފައިން. ދެން ކިހިނެއް ވެގެންތޯ މި 87ގައި އަޅައިގަނެގެން ނުނެއްޓި މި އުޅެނީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގައި ދުއްވާ ބޯޓުތައް އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ހަމަޖައްސާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މަދަނީ މީހުން މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފައި ކަމަށް ވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އިއްބެ

13-Mar-2024

ދޮގުހަދާމީހުންނަށްއަބަދުވެސްހެދޭނީދޮގު



ޓްރެންޑިން