އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް މާލޭ ސަރަަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ފުރުސަތު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ މެދުވެރުކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރުމަށް ހުޅުވާލައިފައިވާ ފުރުސަތުގައި ދ. މީދޫ، އާސްޓްރާ، ފަރިޔާޟް ހުސައިން ވަނީ މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެއްވެސް ފުރުސަތެއް އޮތްތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަކީ ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފުރުސަތު ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ފުރަތަމަކަމަކީ މާލޭގައި ދިރުއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކުރުން ކަމަށެވެ. އެއީ ގެދޮރުވެރިކަން ސަރުކާރަށް އެންމެ ގިނަ ދުވަސް ވަންދެން ޔަގީންކަން ނުދެވި އޮތީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށްވާތީ ކަމަށެވެ.

"އެހެންވީމާ މާލޭ ސަރަހައްދުގައި ބިން ހިއްކައިގެން ހިންގާ މަޝްރޫއުތަކުން މާލޭގެ ރައްޔިތުންނަށް މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުން އެއީ ފުރަތަމަ ޓާގެެޓް. އެއާ އެކީގައި މި ގެދޮރުވެރިކަން މި ގާއިމުކުރަނީ މި ސަރަހައްދުގައި. އެހެންވީމާ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުވުމަށް ފަހު މާލެ ކައިރީގައާއި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން ވެސް މި ސަރަހައްދުގައި ގެދޮރުވެރިކަން ލިބޭ ވަރަށް މި މަޝްރޫއުތައް މި ހިންގަނީ. އަދި މާލެ ނޫން ސަރަހައްދުތަކުން ވެސް ލިބޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިރާދަ ކުރެއްވިއްޔާ ގެދޮރުވެރިކަމުގެ ދާއިމީ ޔަގީންކަން ލިބިގެން ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން