ބިންވެރިޔާގެ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ތިން މަސް ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކުރިން ފާސް ކުރާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް މިހާރު ކުރިއަށް ގެންދާ ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ބޯހިޔާވަހިކަމުގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރަނީ އެމްޑީޕީން ކަމަށެވެ.

އަދި ބޯހިޔާވަހިކަން ކަށަވަރުކުރަން ބިމުގެ ގާނޫނަށް އިސްލާހު ގެންނަން އޭނާ ބިލެއް ހުށަހަޅާފައިވާ ކަން މީކާއިލް ފާހަގަ ކުރެއްވި އެވެ.

މީކާއިލް ހުށަހެޅުއްވި ބިލުގަިއ ވަނީ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ހަދަން ހުށަހަޅައިފަ އެވެ.

އަދި ދާއިމީ ލިސްޓު އާންމުކުރުމަށްފަހު ގޯތި ހަވާލުނުކޮށް ތިބި މީހުންގެ ގޯތިތައް، މި އިސްލާހު ތަސްދީގު ކުރެވޭތާ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތިތައް ހަވާލުކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

"އިރާދަ ކުރެއްވިއްޔާ އިންތިހާބަށް އަޅުގަނޑުމެން ނުކުންނާނީ އެ ބިލުވެސް ފާސްކޮށް އެ ޔަގީންކަން ވެސް އަރުވާފައި." މީކާއިލް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ފްލެޓާއި ގޯތި ލިބޭނެކަމަށް ކަނޑައަޅައި ގެޒެޓް ކޮށްފައިވާ އެއްވެސް ފްލެޓެއް އަދި ގޯއްޗެއް އަތުލައި ނޫނީ ނުދީ ހިފެހެއްޓުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުުން ވަނީ ބުނެފަ އެވެ.

ނަމަވެސް ނުބައި، ދޮގު މައުލޫމާތު ސަރުކާރަށް ދީގެން ނުހައްގު އެއްޗެއް ހޯދުމަކީ ކުށެއް ކަމަށާއި ދޮގު މައުލޫމާތު ދީގެން ފްލެޓް ހޯދިޔަސް އެކަމާ ގުޅޭ މުއައްސަސާތަކުން އެކަން ބަލައި އެމީހަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން