ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވި މިސްކިތުގެ ލައުޑް ސްޕީކަރުގެ އަޑު މަޑުކުރަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ، ދެ މިސްކިތް ކައިރި ކައިރީގައި ހުންނައިރު، އެއް މިސްކިތުގެ ލައުޑް ސްޕީކަރުގެ އަޑު ގަދަ ކަމުން އަނެއް މިސްކިތުގައި ނަމާދު ކުރަން ތިބޭއިރު އުނދަގޫވާ ކަމަށެވެ.

އެގޮތުން، އެއް މިސްކިތުގައި ހުތުބާ ކިޔާ އަޑާއި ކިޔަވާ އަޑު އަނެއް މިސްކިތުގައި ނަމާދު ކުރަން ތިބޭ އިރު އިވޭ ކަމަށް ޒައިދު ވިދާޅުވިއެވެ.

"ކިރިޔާ އަނެއް މިސްކިތުގެ ކިޔެވުމަށް އާމީން ނުކިޔުނީ އަޅުގަނޑަށް." ޒައިދު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރި ދާއިމީ މިސްކިތް ހުޅުވީ މިދިޔަ ހުކުރު ދުވަހުއެވެ.

ހުޅުމާލެ ނޫނަސް މާލޭގައި ވެސް، ޚާއްސަކޮށް ހުކުރު ނަމާދު ކުރާއިރު ކައިރީގައި ހުންނަ މިސްކިތުގެ ލައުޑް ސްޕީކަރުގެ އަޑު ގަދަވެގެން ނަމާދު އޮޅި، އިމާމު އޮޅޭ ހިސާބަށް ދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެއީ 1500 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތަކަށްވާނެ ކަމަށެވެ. އެ މިސްކިތާއެކު ރޯދަ މަހަށް ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މިސްކިތަކީ ރާއްޖޭގެ މަޝްހޫރު މުނި ހޯމް ކެއާއިން އަޅާ މިސްކިތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން