ހިޔާ މަޝްރޫއުން ފްލެޓް ލިބޭ ހައްގުވެރިންގެ ލިސްޓު ޖުލައި މަހު ފަހުކޮޅު އިއުލާން ކުރާނެކަމަށް ވިދާޅުވިނަމަވެސް ކޯވިޑް-19ގެ ސަބަބުން އެ މުއްދަތުގައި އެކަން ކުރެވިފައި ނުވާކަމަށް ފްލެޓް ކޮމިޓީން ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގެ ލިސްޓް މިމަހު އާންމުނުުކުރެވުނީ ކޮމެޓީގެ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވްވެ މެމްބަރުން ކަރަންޓީނަށް ދާންޖެހުމުންކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވަނީ ވިދާޅުވެފައެވެ. ކޮމިޓީން މުވައްޒިފަކު ޕޮޒިޓިވްވިކަމަށް ބުނެފައިވަނީ ޖުލައިމަހުގެ 28 ވަނަ ދުވަހުގައެވެ.

ލިސްޓު އިޢުލާން ކުރަން ވިދާޅުވި މުއްދަތުހަމަވާން އެންމެ 3 ދުވަހަށް ވެފައިވަނިކޮށް މުވައްޒިފަކު ޕޮޒިޓިވްވެގެން ލިސްޓު އިޢުލާން ނުކުރެވުނީ އެކަމާ ގުޅިގެން ކަމަށް ބުނުމުން އާންމުންގެ ގިނަބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. މަސް ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް އެންމެ މުވައްޒިފަކު ކޯވިޑަށް ޕޮޒިޓިވްވުމުން ކުރަމުންދިޔަ މަސައްކަތް ހުއްޓި ލިސްޓު އާންމުކުރުން ފަސްކުރުމަކީ ބަލައި ގަނެވޭނެކަމެއްނޫންކަަށް އިދިކޮޅު ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ކޮމިޓީން ބުނިގޮތުގައި ޖުލައި 28 ގައި އެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި ކޮންޓެކްޓް ޓްރޭސިން އަށް ވަގުތީ ގޮތުން ވަނީ މަސައްކަތް މެދުކަނޑާލަން ޖެހިފަ އެވެ. ބައެއް މުވައްޒަފުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ތިބެން ޖެހޭ ކަން އެޗްޕީއޭ އިން އަންގާފައި ވަނީ އިއްޔެ ކަމަށް ވެސް ކޮމިޓީން އާއްމުކުރި ބަޔާނުގައިވެ އެވެ.

ކޮމިޓީން ބުނިގޮތުގައި ކުރިން ކަނޑައެޅި ތާވަލާ އެއްގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ މި މަހުގެ ކުރީކޮޅު ލިސްޓްތައް އާއްމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން ލިސްޓު އާންމުކުރުން ލަސްވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

ކޮމިޓީން ބުނިގޮތުގައި ފުރަތަމަ އާއްމުކުރަން ނިންމީ ޑޮކްޓަރުންނާއި ޓީޗަރުންނާއި މާލޭ ރަށްވެހިންގެ ކެޓަގަރީ އެވެ. އެ ތިން ކެޓަގަރީން ވެސް ގާތްގަނޑަކަށް މަސައްކަތްތައް ނިމިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވީ މީހުންނަށް ކުރީގެ ސަރުކާރުން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ދީފަ އެވެ. އެކަމަކު ފޯމުތައް ވަކިވަކިން ޗެކްކޮށް، ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ކްރައިޓީރިއާ އަށް ފްލެޓް ކޮމިޓީން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް ޖުމުލަ 25243 ފޯމް ހުށައަޅާފައިވެއެވެ. ހިޔާމަޝްރޫއުގެ ފޯމްތައް އަލުން ބަލައި ފްލެޓްތައް ލިބިފައިވާ ފަރާތްތައް ކަށަވަރުކުރުމަށް މިސަރުކާރުން އެކުލަވާލި ކޮމިޓީން އެމަސައްކަތްތައް މިހާރު ދަނީ ކުރަމުންނެެވެ. މިގޮތުން އެކޮމިޓީން މިހާތަނަށް 21000 ފޯމު އެކޮމިޓީން އިވެލުއޭޓްކޮށްފައިވާ ކަމަށާއި އަދި 3343 ފޯމުގެ މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި އެކޮމިޓީން ހާލަތު ބެލުމަށް 40 އިންސައްތަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާކަމަށް މީގެ ކުރިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން