ގެވެށި އަނިޔާ ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަން ޖެހުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދުން ފަސޭހަކޮށްދިނުމުގެ ގޮތުން ޕީޖީއޮފީހުން ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން އީފާސް ލޮގިން ބޭނުންކޮށްގެން ޕީޖީ ވެބްސައިޓަށް ލޮގިން ވުމުން ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދޭ ޓެބް ފެންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެއިތުރުން ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން އިހުތިޔާރު ކުރުމުން، އެ ކޯޓެއްގެ ލެޓާ ހެޑުގައިވާ އީމެއިލް އެޑްރެހަށް ފޯމު ފޮނުވުމުގެ ހިދުމަތް ޕީޖީގެ ޕޯޓަލް އިން ލިބޭނެކަމަށާއި އަމިއްލައަށް ފުރަން ޖެހޭނީ އެ މީހަކަށް ދިމާވި ހާދިސާއާ ބެހޭ މައުލޫމާތު އެކަނި ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަން ޖެހުން މި ހިސާބުން ނިމުމަކަށް އައީ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީއޮފީހުގެ ގަވަމަންޓް ޕޯޓަލުގެ ތެރޭގައި ކޮންމެ ކޯޓަކަށް ހަދައިދީފައިވާ ލޮގިން އިން، އެ ކޯޓަކަށް ހުށަހަޅާ ހުރިހާ ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދޭ ފޯމު ބަލައިގަނެ، ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

އަދި އެފޯމާމެދު ކޯޓުން ނިންމާ ނިންމުމާއި އެ ނިންމުން ނިންމި ސަބަބު، އީމެއިލަކުންނާއި ފޯމު ހުށަހެޅި މީހާގެ އޮންލައިން ޕޯޓަލުގެ ތެރެއިން ފެންނަން ހުންނާނެ ކަމަށާއި ޕޯޓަލުގެ ތެރެއިން ފޯމު އިސްލާހު ކުރަން ކޯޓުން އަންގައިފި ނަމަ، އޮންލައިން ޕޯޓަލުގެ ތެރެއިން ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް ކޯޓާ ހަމައަށް ފޯމު ލިބުމުން، ޕީޖީ އޮފީހުގެ ގަވަމަންޓް ޕޯޓަލް ބޭނުން ނުކުރުމުގެ އިހުތިޔާރު ކޯޓަށް އޮންނާނެ ކަމަށާއި އެހާލަތުގައި އާންމު މީހާ ކުރިން ވެސް އުފުލި ތަކުލީފުތައް އުފުލަން ޖެހޭނެކަން ޕީޖީ ޝަމީމް ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން