ކޯވިޑް19 އިން ރައްކާތެރިވުމަށްޓަކައި އަނގަޔާއި ނޭފަތް ނިވާކުރުމަށް މާސްކްއަޅަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި، ފުރާޅެއްގެ ދަށަށް ވަދެވޭ ކޮންމެ ފަހަރަކު މާސްނަގާކަށް ނޫންކަމުގައި ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާށްބޮޑުވެ ބަލި ޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް މައްޗަށް އަރައިގެންދާއިރު މިކަމުގައި ފަރުދީ ޒިންމާ އަދާކުރެއްވުމަށް ޑޮކްޓަރުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ހުއްޓުމެއްނެތި ދަނީ އިލްތިމާސް ކުރަމުންނެވެ.

ޑޮކްޓަރުން އެމީހުންގެ އަމިއްލަ ޓްވިޓާ އަދި ފޭސްބުކްފަދަ ޕްލެޓްފޯމް ތަކުގައިވެސް އާންމު ރައްޔިތުން ހޭލުންތެރިކޮށް މުހިންމު މެސެޖްތައް ދަނީ ފޯރުކޮށް ދެމުންނެވެ. ބަލިން ރައްކާތެރިވުމަށް އާންމުން ސަމާލުކަންދޭންޖެހޭ ކަންކަމަށް އިޝާރާތް ކުރައްވައި ޑރ. ފައިސަލް ވިދާޅުވީ އެކި މީހުންނާއި ގިނަ ގިނައިން ބައްދަލުވާ ތަންތަނާއި، މަގުތަކަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

"ބޭރަށް ދާއިރު މާސްއެޅުމޭ އެބުނަނީ ފުރާޅެއްގެ ދަށަށް ވަންނައިރު މާސްނަގާށެކޭނޫން. މިތަނުގައި "ބޭރު" މާނަ ކުރެވިފައި އެވަނީ ތިމާގެ އަމިއްލަ ގޭތެރޭގައި އުޅޭ ޢާއިލާ މެންބަރުންނޫން އެހެން މީހުންނާ ބައްދަލުވާ ހިސާބު. އަދި ބައްދަލުނުވިޔަސް އޭނަ ނިކުންނަތަން (ލިފްޓު، ކާރު)، ބަންދު ތަނެއްގެތެރެއަށް (ކާރު/ލިފްޓު) ތިމާ ވަންނަންވާނީ ވަރަށް ވިސްނާލާފަ އެތަނުން ނިކުންނަމީހުން ނިކުމެ އެތަނުގެ ތެރެއަށް އެމީހުން ދޫކޮށްލި ކޮރޯނާތައް ބިންމައްްޗަށްވެއްޓި ނުވަތަ އެގްޒޯސްޓުން ވިޔަސް ބޭރަށް ނިކުންނަން ވަގުތު ދީފައި ކުޑަ، ބޮޑު ހުރިހާ ދޮރުތައް ހުޅުވާލާ." ޑރ. ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ބޭރުތެރެއަށްވުރެ އެތެރެ ތަަނެއްގައި ވައިރަސް އުދުހި ނޭފަތަށް ވަންނާނެ ވަގުތު އޮންނާނެ ކަމަށާއި އެފުރުސަތު ނުދިނުމަށްޓަކައި ވައިބޭރުވާނެގޮތަކަށް ގޭތެރޭގައާއި އޮފީސްތަކުގައިވެސް މިދުވަސް ވަރު އިންތިޒާމުތައް ހަމަޖެއްސުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ތިމާއާއި އެހެން މީހުންނާއި ވާހަކަ ދައްކާއިރު ދެމީހުންވެސް މާސްކްއަޅައިގެން ތިބުމަކީ ރައްކާތެރިކަމުގެ ގޮތުން މިވަތު ކުރަންޖެހޭ ކަމެއްކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"ވާހަކަ ދައްކާމީހާގެ ތުންފަތުން ކުޅު (ކޮރޯނާތައް) ނިކުންނަލެއް ބާރުވެފައި ދުރަށްފޯރާ، ކުޅުތައް ކުދިވަމުންގޮސް އެއިރޯސޯލްއަށްވެ، ފޮތި މާސްކު އަޅައިގެންހުއްޓަސް އަނެކާއަށް އޭގެން ބަލިޖެހުން އެކަށީގެންވޭ. އެހެންވީމާ ވާޙަކަދައްކަންވީމާ މާސްކު ނުބޭލޭނެ އަދި ކީއްތަ، މާސްކު އެޅުން އެންމެ އައުލާކަންބޮޑީ އޭނާ." ޑރ. ފައިސަލް ވިދާޅުވެފައިވެއެ.

މާލޭ ސަރަހައްދުގައި އާއްމުން އެއްވާ ތަންތަނުގައި މާސްކު އަޅަން މަޖްބޫރުކޮށް އެކަން ފުލުހުން ބަލަން ފެށީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާ އެކަން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މާލޭ ސަރަހައްދުގައި މާސްކު އެޅުން މަޖްބޫރުކޮށްފައިވާއިރު އެކަމުން އިސްތިސްނާވަނީ ހަމައެކަނި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުއެވެ. މީގެއިތުރުން އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މާސްކު ނުނެގޭ މީހުންވެސް މި އެންގުމުން އިސްތިސްނާވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން