އޮޅުވެލިފުށީ ބަނދަރުގެ މަސައްކަތް ނުފެށި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދަންނަވައިފިއެވެ.

ކައުންސިލުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އޮޅުވެލިފުށީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރެއްވުމަށް މިއަދު ކުރެންދޫ ޙަބަޝީ ޕްރީސްކޫލުގައި ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުންތަކާއި ފެނާނަރުދަމާ ނިޒާމުގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމައިދިނުމަށް އެދުމާއި ކަރަންޓުގެ ޙާލަތު ރަނގަޅުކުރަން ބޭނުންވާކަމަށާއި އަދި ޚާއްސަގޮތެއްގައި ސީއެމްބިއުލަންސް ގެ ޚިދުމަތް މިހާރަށްވުރެ ފަސޭހައިން ލިބޭނެ މަގުފަހިކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ ކޮމިޓީގެ މެންބަރުންނަށް ރޯދައިނާޔަތް ހަމަޖެހިފައި އޮތުމުގެ މުހިންމުކަމާއި ބަޖެޓުގެ ދަތިކަމާހުރެ އެކޮމިޓީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ސީއެމްބިއުލާންސްއާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމަށް ހައްލެއް ހޯދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން