ކުރެންދޫ ގިރާ ސަރަޙައްދުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޅ. ކުރެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރެއްވުމަށް މިއަދު ކުރެންދޫ ޙަބަޝީ ޕްރީސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުންނާއި ބިމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމާއި އިތުރު ހައުސިންގ ޔުނިޓްއެޅުމާއި އިޤުތިޞާދީ މަންފާ ހޯދުމަށް ކައުންސިލަށް ރަށެއް ހަމަޖައްސަވައިދެއްވުމުގެ މުހިންމުކަން ހިމެނެއެވެ.

މީގެ އިތުރުން ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންހުރި ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢި ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ކުރެންދޫ ގިރާ ސަރަޙައްދުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން މަޢޫލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން