ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކޮށްގެން މި ސަރުކާރުން މުވައްޒަފުންނަށް ފިޔަވަޅު ނާޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޅ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ އެމަނިކުފާނަށް ނިސްބަތްކޮށް ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު މީސްމީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ބައެއް ނޫސްތަކުން ފެނިވަޑައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެމުވައްޒަފަށް ފިޔަވަޅު އަޅާފައިވަނީ މާ ސީރިއަސް މައްސަލައެއްގައި އެ ކުންފުނީގެ ޕޮލިސީގެ ތެރެއިން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ހަވާލާ ދެއްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކްރިޓިސައިޒްވެސް ކުރަންވާނެ. އެއީ ޕޮޒިޓިވް ނުވަތަ ކަންކަން ރަނގަޅުކުރަން ހެޔޮ ނިޔަތުގަ ބުނާ އެއްޗެއް ނަމަ ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔާނަން. އަދި ހިތްހަމަ ނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ވިދާޅުވެފައި ވާއިރު ރަށްރަށުގައި ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން މީސްމީޑިއާގައި ފާޅުކުރާ ޚިޔާލުތަކުގެ ސަބަބުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ޢާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން