ލަސްނުކޮށް ށ. މިލަންދޫގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭންއަށް މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންއަށް ވެސް މިލަންދޫއަށް ވަޑައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ.

އެގޮތުން އެއާޕޯޓެއް އަޅަން ދިރާސާ ކުރުމަށް ފަހު އެއީ ކުރެވޭނެ ކަމެއްނަމަ އެ މަޝްރޫއައިގެން ކުރިއަށް ދާނެ ކަމަށް ރައީސް ސޯލިހު އޭރު ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނުކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. ނަމަވެސް މި ސަރުކާރުން ވެސް އެ ރަށުގައި އެއާޕޯޓެއް ހަދަން ވައުދުވެފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު މިލަންދޫއަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ވަނީ މިލަންދޫގައި އެއާޕޯޓެއް އަޅުއްވަން ވައުދުވެވަޑައިގެންފަ އެވެ.

"އަޅުގަނޑު އެދެނީ އެކަން ކޮށްދިނުން. ސަރުކާރުން ފައިސާ ހޯއްދަވައިގެން ކަމަށްވިޔަސް، މި ރަށުގައި އަޅަން ވައުދުވީ އެއާޕޯޓު ލަސްނުކޮށް މި ރަށުގައި އަޅައިދިނުން. އަޅުގަނޑުމެންގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އެކަމަށް މަޖިލީހުގެ ތެރެއިން ލިބޭނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަމަ އެހެންމެ މިލަންދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް އަލީ ރިޒާ ހޮވައިފިނަމަ އެ އެއާޕޯޓު އަޅަން ސަރުކާރަށް ބާރު އަޅާނެ ކަމަށާއި އަދި އެކަން ކުރެވޭނެ ގޮތްތައް ވެސް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން