ދޮގު ހެދުން ނިމުމަކަށް ގެނެސް ރޯދައިގެ ކުރިން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރަން ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް ރޯދަ މަހުގައި ދޮގު ހެދުމާއި ފުރައްސާރަ ކުރުމާ ދުރުހެލިވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން ހަގީގަތާ އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށް ރައީސް ވަނީ ގޮވާލައްވައިފަ އެެވެ.

ހަމަ އެހެންމެ ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުޞަތުނުދީ އެކަކު އަނެކަކަށް ހެޔޮގޮތުގައި މުޢާމަލާތުކުރުން އިސްކުރުމަށް ރައީސް މުއިއްޒު ނަސޭހަތްރެރިވެ ވަޑައިގެންނެވި އެވެ.

ދޮގު ހެދުމާ ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވުމުން މަލީހު ވަނީ ރައީސް މުއިއްޒަށް ރައްދު ދެއްވައިފަ އެވެ.

މަލީހު އެކްސްގައި ވިދާޅުވީ ދޮގު ހެއްދެވުން ނިމުމަކަށް ގެނެސް ރަައީސް ޔާމިން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

"ދޮގު ނިމުމަކަށް ގެނެސް އަވަހަށް ރައީސް ޔާމީން މިނިވަންކުރުމުގެ ވަޢުދު ރޯދައިގެ ކުރިން ފުއްދަވާ ޢަމަލާ ބަހާ ދިމާކުރައްވާ." މަލީހު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ކެމްޕޭންގެ ތެރޭގައި ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ރައީސް ޔާމީންއާ ރައީސް މުއިއްޒުގެ ގުޅުން ވަނީ ކެނޑިފަ އެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމާ ގުޅޭ ގޮތުން މާބޮޑަކަށް ވާހަަކައެއް ނުދައްކަވަ އެވެ.

ހުދު ރައީސް ޔާމީން ވެސް ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ.

ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން އޭރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އޮކްޓޫބަރު މަހު ރަައީސް ޔާމީން ގެއަށް ބަދަލު ކުރައްވައިފަ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން އެމަނިކުފާނަށް އިތުރު ލުޔެއް ލިބިވަޑައެއް ނުގަންނަވަ އެވެ.

ގޭބަންދުގައި ތިބޭ މީހުންނަށް ސިޔާސީ ކަންކަމުގައި އުޅުން މަނާ ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް އެފަދަ ހަރަކާތްތަަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން