ތެއްތިރީސް ދުވަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު 150 ކައުންސިލާ ބައްދަލު ކުރައްވައިފި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު ދަނީ މަޝްވަރާ ކުރައްވައި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވަމުން ނެވެ.

އެގޮތުން ޅ. އަތޮޅަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅާ އެކު ރައީސް މުއިއްޒު ބައްދަލު ކުރެއްވި ކައުންސިލްގެ އަދަދު ވަނީ 150 އަށް އަރައިފަ އެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހު ތ. ކިނބިދޫއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން މަޖިލިސް އިންތިހާބު ބާއްވާ ދުވަސް އަންނަ މަހަށް ފަަސްކޮށްފައިވުމާއެކު ހުރިހާ ކައުންސިލްތަކަކާ މަސް ދުވަސް ތެރޭ ބައްދަލުކުރުން ކުޑަކޮށް މަޑު ޖައްސާލެއްވީ ކަމަށް ބެލެވެ އެވެ.

ރައީސް ހުރިހާ ކައުންސިލްތަކަކާ ބައްދަލު ކުރައްވަމުން ގެންދަވަނީ ކޮންމެހެން ހުރިހާ ރަށަކަށް ވަޑައިގަނެގެނެއް ނޫނެވެ. ބައެއް ރަށް ރަށަށް ރައީސް ދަތުރުފުޅު ކުރައްވާއިރު ކައިރި ރަށްރަށުގެ ކައުންސިލްގެ ބޭފުޅުން ރައީސް ވަޑައިގަންނަވާ ރަށަށް ވަޑައިގެން އެމަނިކުފާނާ ދަނީ ބައްދަލު ކުރައްވަމުން ނެވެ.

މިދިޔަ ބުދަ ދުވަހު ރައީސް މުއިއްޒުު ވިދާޅުވީ މި އަހަރުގެ ބާކީ އޮތް ދުވަސްތަކާއެކު ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގަންނަޥާނެ ކަމަށެވެ.

ހަމަ އެހެންމެ ރިޔާސީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރު ޒިޔާރަތް ކުރައްވަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން