ރޯދަ މަސް ޖެހުނުއިރުވެސް ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފްގެ ޝަރީއަތް ނުފެށޭތީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ނުރުހުން ފާޅު ކުރައްވައިފި އެވެ.

ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 25 ޑިސެމްބަރު 2022 ގައެވެ. އޭގެ ފަހުން އެ މައްސަލަ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ.

ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ވަގުތު ޖެހުނު އިރުވެސް އެ މައްސަލަ ހައިކޯޓުގައި ނުނިމި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުުރުސަތު ވެސް ރައީސް ޔާމީންއަށް ލިބިވަޑައި ނުގެންނެވި އެވެ.

އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު އިސްތިއުނާފްގެ ޝަރީއަތުގެ އަޑު އެހުންތައް ނިންމާލި އިރު ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުމެވެ. ނަމަވެސް އަދިވެސް ހުކުމް ކުރާނެ ދުވަހެއް ތާވަލެއް ނުކުރެއެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުން ފެށިގެން ރައީސް ޔާމީން ހުންނަވަނީ ގޭބަންދުގަ އެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ޖަމީލު ވިދާޅުވީ މިރަމަޟާންމަސް ފެށިގެންދާއިރުވެސް ރައީސް ޔާމީންގެ އިސްތިއުނާފްގެ ޝަރީއަތް އޮތީ ހިފެހެއްޓިފައި ކަމަށެވެ.

ހަމަ އެހެންމެ ރައީސް ޔާމީން އަދިވެސް ހުންނެވީ ބަންދުގައިކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.

"ޑރ. މުއިއްޒު ރައީސަކަށް ހުންނެވީ. މިހާބޮޑު ބޭއިންސާފަކަށް އަރައިގަނެގެން ތިބެ ހެޔޮނަޞޭޙަތް ދޭން އުޅުން ދެކޮޅުނުޖެހޭ. ރ. އިބޫ އާއި މުއިއްޒުގެ ތަފާތެއް މިކަމުގައި ނެތް. ލަދުވެތިކަމެއްވެސް ނެތް." ޖަމީލު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން