2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ފުރުސަތު 2024 މާރިޗު 10 ވާ އާދީއްތަ ދުވަހުގެ މެންދުރު 02:00 އިން ފެށިގެން 2024 މާރިޗު 16 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުން ބެލޭނެކަމަށެވެ. އަދި މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.

ރީ ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަންޖެހެނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓަރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2024 މާރިޗު 10 އިން 2024 މާރިޗު 16 ގެ ނިޔަލަށް ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އޭޕްރީލް 21 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން