ކްރިމިނަލް ކޯޓުން އަނެއްކާވެސް ޝަރީއަތްތައް އޮންލައިންކޮށް ފަށަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޓުގެ ސާވާތައް ރައްކާތެރި މާހައުލަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

އެއާއެކު މިއަދުން ފެށިގެން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި ޝަރީއަތުގެ އަޑު އެހުންތައް އާންމު އުސޫލަކުން ވީޑިއޯ ކޮަންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެއާއެކު ޝަރީއަތްތައް އަޑުއެހުމުގެ ގޮތުންނާއި ޝަރީއަތް އަޑުއެހުމަށް ބޭނުންވާ ނޫސްވެރިންނަށް ވެސް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ޝަރީއަތްތައް މެދު ކަނޑާލީ މި ފަހުން ކުރި ވަރުގަދަ ވިއްސާރައިގެ ސަަބަބުން ކަރަންޓު ވިއުގައަށް މައްސަލަ ދިމާވެ ސާވާތަކަށް ވެސް އޭގެ އަސަރުކުރުމުން ނެވެ.

އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޝަރީއަތްތައް އޮންލައިންކޮށް ގެންދިއުން އޮތީ މެދުކަނޑާލައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެފައިވާތީ އެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަށް މި އަހަރުގެ ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން