މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުއިއްޒު އިއްޔެ ވަނީ ނިންމަވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސްގެ ނިންމެވުމަކީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ވަރަށް ފުރިހަމަ ނިންމުމެއް ކަމަށެވެ.

އަދި މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ފުރިހަމަޔަށް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވި އެވެ.

ވެސެލް ޓްރެކިންގ ޑިވައިސްއެއް ހަރުކޮށް މޮނިޓަރކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައި ކަމަށް ސަރުކާރުން ބުނެއެވެ.

އެކަން ތަންފީޒުކުރުމުގެ ގޮތުން ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިންގ ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވައިދަށް އިސްލާހު ގެންނަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން