ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާއި ދެކޮޅަށް ހިންގި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފަހައްޓާފައި އޮތް ޝެއިހް ފަޒްލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާންއަށް އަލުން އެ ހުއްދަ ދީފި އެވެ.

އެ ހުއްދަ އެ ދެ ބޭފުޅުންނަށް ވެސް އަަލުން ދިން ކަން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ހިނގި ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެ ދެ ޝެއިހުންނަށް ދައުވާކޮށް ދުވަސްތަކެއް ވަންދެން ހައްޔަރުކޮށްފައި ވެސް ބޭތިއްބި އެވެ. ނަމަވެސް ޝަރުރުތުތަކާއެކު އެ ދެ މީހުން ދޫކޮށްލި އެވެ.

އެކަމަކު އެ ދެ ބޭފުޅުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރަށްވައިފަ އެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އޭރު އެތަނުގައި ބޭރުގެ ޑިޕްލޮމެޓިކް ބޭފުޅުން ވެސް ތިއްބެވި އެވެ.

އެ ދުވަހުގެ ހަމަ ނުޖެހުންތަކުގައި އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުންދިނެވެ.

ދެ ބޭފުޅުންނަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިން އިރު ކޯޓުގައި ހިނގަމުންދާ ދެ ބޭފުޅުންގެ މައްސަލަ އަދި ނުނިމެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން