އާގު ބޯޓު ފަހަރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދައްކާ ފީތައް ޑޮލަރުން ނަގަން ނިންމި ނިންމުން ބަދަލުކުރަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ބޯޓު ފަހަރުން ޑޮލަރުން ފީ ނަގަން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވަޖީހު ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން، ދިވެހި ވިޔަފާރިވެރިން އަތުން ފައިސާ ނަގަމުން ދަނީ ޑޮލަރުން ކަމަށެވެ. ނަމަވެސް ހަމަ އެ ޝިޕިން އެޖެންޓުން ފީ ދައްކަނީ ރުފިޔާއިން ކަމަށާއި މިއީ އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޑޮލަރުން ފީ ނަގަން ފެށުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ މުދާ އެތެރެކުރާ އެންމެހާ ފަރާތްތަކަކީވެސް ޑޮލަރުން ކުރަންޖެހޭ އެންމެހާ ޚަރަދުތަކަށްވެސް ބޭނުންވާ ޑޮލަރު ބޮޑުއަގުގައި ގަންނާންޖެހޭ ފަރާތްތައް ކަމަށެވެ.

އަދި މުދާ އެތެރެކުރާ ފަރާތްތަކުން ދިވެހި ފައިސާއިން ދައްކަމުން އައި ފީތައް އެމްޕީއެލްއަށް ޑޮލަރުން ދައްކަން މަޖޫބޫރުވެގެން ދިއުމަކީ, ވިޔަފާރިވެރިންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވާނެ ކަމެއްކަން ފާހަގަކޮށްފައި ވެއެވެ.

އޭގެ އެއް ސަބަބެއް ކަމުގައި އެޖަމިއްޔާއިން ފާހަގަ ކޮށްފައިވަނީ ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިވެރިންނަށްވެސް ބޭނުންވާވަރަށް ޑޮލަރު ގަންނަން ލިބެން ނެތުމެވެ.

"އޭގެ ނަތީޖާއަކަށް ވެގެންދާނީ, ވިޔަފާރިވެރިން ބޮޑު އަގުދީގެން ޑޮލަރު ގަތުމަށް ކުރާ ހޭދައިގެ ނިސްބަތުން މުދަލުގެ އަގު އުފުލިގެން ދިއުމެވެ. މިއީ އިގުތިސޯދީ ގޮތުން، ދަތި ދުވަސްވަރެއްގައި، އަދި ހާއްސަކޮށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގެނައުން އެންމެ ރަނގަޅު ބަދަލަކަށް ނުވުމާއެކު، އެމްޕީއެލްގެ މެނޭޖުމަންޓުގެ މި ނިންމުން ބަދަލު ކުރުމަށް މި ޖަމިއްޔާއިން ގޮވާލަން،" މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

މޮހިނި

13-Mar-2024

ޑޮލަރު ތިޔާގި ވެދާނެތީ ބިރުން އުޅެބައެއް



ޓްރެންޑިން