ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ނެރެ ބަހައްޓާފައިވާ ކުނީގެ ތެރެއިން ރޭ ވެސް 22 ޓަނުގެ ކުނި މާލޭގެ މަގުތަކުން ނަގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ރޭ ނުވަޔަކުން އެކަކަށް 350 ކިލޯގެ 17 ޕިކަޕުގެ ކުންޏާއި 1.5 ޓަނުގެ 11 ޕިކަޕުގެ ކުނި މާލޭގެ މަގުތަކުން ނެގި ކަމަށެވެ.

ހުޅުމާލެއާއި ވިލިމާލެ ނުލައި މިދިޔަ އާދިއްތަ ދުވަހުވެސް މާލެއިން އެކަނި 59.6 ޓަނުގެ ކުނި ނެގި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީީޑިއާ އޮފިޝަލް "ރަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގިނަ އަދަކަަށް ސޯފާއާއި ދޮންނަ މެޝިނު ފަދަ ތަކެތި މަގުމަތިން ނެގި ކަމަށެވެ.

ހަމަ އެހެންމެ ގާކުނޑި ފަދަ ތަކެތި ވެސް މަގުމައްޗަށް އުކާފައި ހުރި ކަމަށާއި އެ ތަކެތިވެސް ވެމްކޯއިން ނުނެގުމުން މާލޭ ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް މޭޔަރު އިލްތިމާސް ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން