އިންޑިއާއިން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 28،000 މައްޗަށް އެރިއިރު ޗައިނާއިން އައި ފަތުރުވެރިން އެއަށްވުރެ ދެގުނަ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް 466،273 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

އޭގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް 28،298 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އެއާއެކު އިންޑިއާ އަކީ ހަވަނަ އަށް އެެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ވަނީ ވެފަ އެވެ.

ނަމަވެސް މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ.

އިންޑިއާއިން އަންނަ ފަތުރުވެރިން މަދުވި އިރު ރާއްޖެ ބޮއިކޮޓްކޮށް އެ ގައުމުގެ ލަކްޝަދީޕަށް ފަތުރުވެރިން ދިއުމަށް ގޮވާލާ ވަރުގަދަ ކެމްޕޭންއެއް ވަނީ ކޮށްފަ އެވެ. އަދި ކެމްޕޭންގެ ތެރެއިން ރާއްޖޭގެ ތިން މިނިސްޓްރީއެއްގެ ނައިބުން އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ އިތުރަށް ގޯސްވެފަ އެެވެ.

އިންޑިއާއިން އައި ފަތުރުވެރިން ދަށްވި ނަމަވެސް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ދެ ގުނައަށް ވަނީ އިތުރުވެފަ އެވެ. އެއީ 56،181 ފަތުރުވެރިން ނެވެ.

ޗައިނާއިން އައި ފަތުރުވެރިން އިތުރުވި އިރު އެ ގައުމުން ރާއްޖެ އަންނަ ފްލައިޓްތައް ވެސް ވަނީ އިތުރުވެފަ އެވެ.

ސަރުކާރުން އަމާޒު ހިފައިފައިވަނީ މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން