ކުޅުދުއްފުށީގެ ފެނަކައިގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ހަމަޖައްސައިދިނުމުން އެ މުވައްޒަފުން ކުރަމުން އައި އިހުތިޖާޖު ހުއްޓާލައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ މުސާރައިގެ ބަޔަކާއި އަދި މިދިޔަ މަހުގެ މުސާރައިގެ އިތުރުން ރޯދަ އިނާޔަތްވެސް ނުލިބޭ ކަަމަށް ބުނެ ފެނަކައިގެ މުވައްޒަފުން އިހުތިޖާޖަށް ނުކުތީ މިއަދު އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް މެމްބަރު "ރަސް" އަށް ވިދާޅުވީ މުސާރައިގެ މައްސަލަ ހައްލުކުރަން ކައުންސިލުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އަދި ކުރެވުނު މަސައްކަތުން މިއަދު މެންދުރު މުސާރައާއި އިނާޔަތްތައް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު މުވައްޒަފުން ކުރަމުން އައި އިހުތިޖާޖު ވެސް މިހާރު ހުއްޓާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ފެނަކައިގެ ހާލަތު އަދިވެސް ވަރަށް ގޯހެވެ. ނިމިގެން ދިޔަ ސަރުކާރުގައި ބޭނުންވާ އަދަދަށް ވުރެ މާ ގިނައިން މުވައްޒަފުން ނެގުމާއި ކޮރަޕްޝަންގެ މައްސަލަތަކާއެކު ބުރަ ބޮޑުވެ ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު އެމްޑީ މުއާޒު ވިދާޅުވީ ފެނަކަ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހަކު 79 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން