ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އާއި ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ދެއްކެވި ވާހަކަފުޅަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޔާމީންގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިން ޔާމީންވަނީ ޕާޓީގެ ނައިބުން ޕީޕީއެމް ހިންގަން ނޫޅޭކަމުގެ ތުހުމަތު ކުރައްވާފައެވެ.

ޔާމީން ވިދާޅުވީ، ޕީޕީއެމްއަކީ ހަރުދަނާ އުސޫލުތަކެއް މައްޗަށް ބިނާވެފައި އޮތް ޕާޓިއެއް ކަމަށާ އެހެންކަމުން އެ ޕާޓީއާ ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދަކީ ޚުދު އެމަނިކުފާނު ފަރުމާ ކުރެއްވި އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު އޮތީ ޕީއެންސީގެ ސަރުކާރެއް ކަމަށާ އެހެންކަމުން ޕީޕީއެމްގެ ފިކުރަށް އަދި ގަވާއިދަށް ވެސް އެމީހުން ބޯނުލަނބާނެ ކަމަށެވެ.

އަދި ޕީޕީއެމް ފިކުރު ތަޣައްޔަރު ނުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެއާއި ގުޅިގެން ޕީޕީއެމްގެ އެއް ނާއިބު ރައީސްކަމަށްވާ ޝިޔާމް މިއަދު ވިދާޅުވީ، ޕީޕީއެމްގެ ފިކުރު ތަޣައްޔަރު ނުވާކަމަށާއި އަދި ﷲ ގެ އިރާދަފުޅުން ނުވެސް ކުރެވޭނެކަމަށެވެ. އަދި މިއަދު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނަވައިގެން މަސައްކަތްޕުޅު އެ ކުރައްވަނީ ރައްޔިތުންގެ ލޯބި އިހުނަށްވުރެ ވެސް ބޮޑަށް ޕީޕީއެމަށް ހޯދައިދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަށް ޝިޔާމް ރައްދު ދެއްވާފައިވާއިރު، މި ސަރުކާރު އައިފަހުން ޕީޕީއެމްގެ ނަން ފަނޑުވެ ޕީއެންސީގެ ނަން ކުރިއަށް ނެރެ ކޯލިޝަންގެ މަސައްކަތްތައް ހިންގާތީ ޕާޓީތެރޭގައި ވެސް މައްސަލަތަކެއް ދިމާވިކަމަށް މައުލޫމާތު ލިބެއެވެ. ހާއްސަގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓްގައި ކެންޑިޑޭޓުން ނެރޭ މައްސަލައާއި ޕީޕީއެމްގެ އޮފީހެއް ނެތްކަމުގެ ވާހަކަތައް އޭގެ ތެރޭގައި ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން