ރައީސް ޔާމިންގެ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އުފެއްދުމަށް ހުށަހެޅި 3000 ފޯމުގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، 3370 ފޯމް ޕީއެންއެފުން ހުށަހެޅި ކަމަށެވެ.

އެ ހުރިހާ ފޯމެއް ވެރިފައި ކުރުމުގެ މަސައްކަތް ކޮށް މިހާރު ނިމިފައިވާ ކަމަށާއި އެގޮތުން ބެލި ބެލުމުން، އެ ފޯމްތަކުގެ ތެރެއިން 1،313 ފޯމްގައި މައްސަލަ ހުރުމުން ފުރިހަމަ ކުރުމަށް އިތުރަށް ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި 81 ފޯމެއް އީސީން ރިޖެކްޓުކޮށްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ހަބީބު ވިދާޅުވީ ފޯމްތަކުގައި ހުރީ ތާރީހުފަދަ ކުދިކުދި މައްސަލަތައް ކަމަށާއި އެކަންކަން ރަނގަޅުކޮށްލުމުން ފޯމްތައް ބަލައިގަނެވޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން ނިންމެވި ޕާޓީ އުފައްދަން ބޭނުންވާ 3000 ފޯމް ހަމަކޮށް 24 ގަޑިއިރުތެރޭ ހުށަހަޅާނެކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި މަލީހް ޖަމާލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފޯމް ހަމަކޮށް އީސީއަށް ހުށަހެޅުނީ އޭގެ އެތައް މަހެއްފަހުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން