ދުވާފަރު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު އިސްމާއީލް އަހުމަދުގެ މައްޗަށް ދަރަންޏެއް ސާބިތުވެ، 15 ދުވަހުގެ ތެރޭގައި ދަރަނި ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްދޭން އޭނާގެ ފަރާތު އެ ކޯޓަށް ހުށަހަޅައިފިއެވެ.

މެމްބަރު އިސްމާއީލްގެ މައްޗަށް ސާބިތުވި ދަރަންޏަކީ، 2018 ވަނަ އަހަރު ތ. ކަނޑޫދޫގައި ތިން ކްލާސްރޫމްގެ މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އޭނާގެ ކުންފުންޏާ ހަވާލު ކުރުމުން، އެހެން ސަބް-ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މަސައްކަތް ކޮށް ނިންމުމަށްފަހު އެ މަސައްކަތަށް ވާ ފައިސާ އެއްކޮށް ނުދޭކަން ސާބިތުވި ދަރަންޏެވެ.

އެ މަސައްކަތުގެ ސަބް-ކޮންޓްރެކްޓަރ މޫސާ ޚަލީލް ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ، މެމްބަރު އިސްމާއީލްގެ ކުންފުނިން ދީފައި ވަނީ 425،000 ރުފިޔާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގެ އަގަށްވާ 1.2 މިލިއަން ރުފިޔާގެ ބާކީ ކަމުގައިވާ 856،830 ރުފިޔާ ކޯޓު މެދުވެރިކޮށް ހޯދަން އެދޭ ކަމަށް ޚަލީލް ބުނެފައި ވެއެވެ.

އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު މެމްބަރު އިސްމާއީލް ކޯޓަށް ހާޒިރު ނުވާތީ، އޭނާގެ މައްޗަށް ޣައިރު ހާޒިރުގައި ވަނީ ހުކުމް ކޮށްފައެވެ.

އެކަމާ ގުޅިގެން މެމްބަރު އިސްމާއީލް ނެރުނު ބަޔާނެއްގައި ބުނީ، މީގެ ކުރިންވެސް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ޚަލީލަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށް އެފަހަރު ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ، ޚަލީލަށް ދޭންޖެހޭ ފައިދާ ދައްކާ ޚަލާސް ކޮށްފައިވާކަން އެފަހަރު ކޯޓު ހުކުމްގެ ގަޒިއްޔާއިން އެނގެން އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެ، އެ ދައްކަމުން ނުދާ ނަމަ މެމްބަރު ކަމުގެ ޝަރުތު ހަމަ ނުވާ ކަމަށް ގާނޫނުއަސާސީގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން