ކުރިއަށް އޮތް ދެތިންމަހުގެ ތެރޭގައި އިންޑިއާ ޓޫރިސްޓް މާކެޓް ރަނގަޅުވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފިއެވެ.

އައިޓީބީ ބާލިން ފެއެރ އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ފާތިމަތު ތައުފީގު ވިދާޅުވީ، އިންޑިޔާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، އިންޑިޔާ ފަތުރުވެރިންގެ މާކެޓް އިތުރުކުރަން އައިޓީބީގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެ މާކެޓް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް 466،273 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

އޭގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް 28،298 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އެއާއެކު އިންޑިއާ އަކީ ހަވަނަ އަށް އެެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ވަނީ ވެފަ އެވެ.

ނަމަވެސް މިދިޔަ ދެއަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ.

އިންޑިއާއިން އަންނަ ފަތުރުވެރިން މަދުވި އިރު ރާއްޖެ ބޮއިކޮޓްކޮށް އެ ގައުމުގެ ލަކްޝަދީޕަށް ފަތުރުވެރިން ދިއުމަށް ގޮވާލާ ވަރުގަދަ ކެމްޕޭންއެއް ވަނީ ކޮށްފަ އެވެ. އަދި ކެމްޕޭންގެ ތެރެއިން ރާއްޖޭގެ ތިން މިނިސްޓްރީއެއްގެ ނައިބުން އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ އިތުރަށް ގޯސްވެފަ އެެވެ.

އިންޑިއާއިން އައި ފަތުރުވެރިން ދަށްވި ނަމަވެސް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ދެ ގުނައަށް ވަނީ އިތުރުވެފަ އެވެ.

ސަރުކާރުން އަމާޒު ހިފައިފައިވަނީ މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން